ބައިވެރިޔާ

އިމްރާން ފޫން ނޭވާއެއް ލަމުން އަހަރެންގެ ގައިގައި ފިރުމާލިއެވެ. އަދި ކުށެއް ކުރެވިފައިވާ ނަމަ މަޢާފް ކުރާށޭ ބުނެލިއެވެ. އެވަގުތު އަހަރެން އިމްރާންގެ މޫނަށް ބަލާލީމެވެ. އޭނަގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ. އޭނަގެ ކުށެއް ނެތްކަމަށް ބުނެދިނުމަށް މަސައްކަތްކުރާ ހެން ހީވިއެވެ. އިމްރާނަށް ވެފައި އޮތްގޮތް ފެނިފައިފައި ކޮންމެ މީހަކުވެސް ދެރަވާނެއެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައިވެއެވެ. ގައިގައި އެއްވެސް ހިތްވަރެއް ނެތެވެ. އަހަރެން އިމްރާނުގެ މޫނުގައި ލޯބިން ފިރުމާލީމެވެ. އަދި އެހާ ބޮޑަށް ނުވިސްނުމަށާއި އަހަރެން އިމްރާން ދޫކޮށްލާފައި ދާން ބޭނުން ނުވާކަމަށް ބުނީމެވެ. އިމްރާން އަކީ އަބަދުވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ކަމަށް ބުނީމެވެ. ނަމަވެސް އިމްރާން ބޭނުންވަނީ އަދިވެސް އޭނަގެ ކުށެއް ނެތްކަން އަހަރެންނަށް ބުނެދިނުމަށެވެ. ނަމަވެސް މިޔަދު އެހާ ހިތްވަރެއް އިމްރާން ގައިގައި ނެތެވެ. އިމްރާން ތެޅިތެޅި އޮއްވާ އޭނަ އަށް ނިދިއްޖެއެވެ.

އިމްރާން ނިދުމާއެކު، އަހަރެން އިމްރާން ކައިރިން ތެދުވެގެން ގޮސް މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮތްތައް ތަރުތީބު ގެއްލިފައިވާތީވެ މޭޒުމަތީގައި ހުރި ފޮތްތައް ތަރުތީބު ކުރަން ފެށީމެވެ. އަދި އެ މޭޒުދަށުން އަހަރެންނަށް ފެނުނީ ކަޅުކުލައިގެ ފޮތެކެވެ. އެފޮތް ނެގުމަށްފަހު އޭގައި ހުރި ހިރަފުސްތައް ފޮޅާލުމަށް ފޮތް ތަޅުވާލީމެވެ. އެއަށްފަހު ފޮތުގެ ކަޑެއް ބަޑިވެފައި އިންތަން ފެނުމުން އެކަން ރަނގަޅު ކުރުމަށްޓަކައި ފޮތް ހުޅުވާލީމެވެ. އެވަގުތު ފޮތުގައި ލިޔެފައިވާ ދެތިން އިބާރަތް އަހަރެން ލޮލުގައި އަޅައިގަތެވެ. ” ނާދިޔާ އެވެ. އަހަރެން ނާދިޔާދެކެ އަބަދުވެސް ލޯބިވަމެވެ. އަހަރެންނަކީ ބޭވަފާ ތެރިއެއްނޫނެވެ. މިޔަދު އަހަރެންނަށް މިވީ ގޮތް ބެނެދޭން ހަނދާނީ ކިހިނެއް ކަމެއް އެއްގޮތަކަށްވެސް އަހަރެންނަކަށް ނޭގުނެވެ. ފައްޓާނީ ކިހިނެއްކަމާއި އަދި އެކަން ނިންމާނީ ކިހިނެއްކަމެއް އަހަރެންނަކަށް ބުނެދޭކަށް ނޭގެއެވެ. ނާދިޔާއެވެ. އަހަރެން ނަށް އެއްފަހަރު ނަމަވެސް މަޢާފް ކުރާށެވެ.”

ނާދިޔާ އަކީ އަހަރެންނެވެ. އަހަރެމެން ދެމީހުން ލޯބީގެ ގޮތުން ގުޅުނީ އެއް ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރެއެވެ. ދެމީހުން އަބަދުވެސް ކިޔަވާއިރު އެކަކު އަނެކަކާއި އެހީތެރިވަމުން ދިޔައީމެވެ. އަދި ދެމީހުންގެ އިހްސާސްތަކާއި އުފަލާއި ހިތާމަ އެކުގައި ހިއްސާ ކުރަމުން ދިޔައީމެވެ. ދެމީހުން ނަކީވެސް މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ދެމީހުންނެއެވެ. ލިބޭ އެއްޗަކުން މީހުންގެ ކައިރީގައި ސަލާން ނުޖަހާ އުޅެވޭ ވަރު ވިއެވެ. އަދި އަހަރެމެންގެ މައިންބަފައިންނަށް ލިބޭ އެއްޗަކުން ކިޔަން ބޭނުންވާ ހުރިހާ ޚަރަދުތަކެއްވެސް ކޮށްދިނެއެވެ.

ދެމީހުންނަށްވެސް އެކަކު އަނެކަކުދެކެ ލޯބިވެވުނީ ނޭގިހުއްޓައެވެ. ލޯތްބަކީ ވާއެއްޗެއް ނޫންކަމާއި ވެވޭ އެއްޗެއްކަން އަހަރެންނަށް އެގުނީ އެދުވަހުން ފެށިގެންނެވެ. އިމްރާން ދެކެ އަހަރެން އިންތިހާއަށް ލޯބި ވީމެވެ. އަހަރެންގެ އަމިއްލަ ނަފްސުދެކެ އަހަރެން އަމިއްލަޔަށް ލޯބިނުވާވަރަށެވެ. ދުވަހަކުވެސް މީހަކަށް ނުކުރާވަރަށް އިތުބާރު ކުރީމެވެ. އިމްރާންއާއި ވަކިނުވެވިގެން މިއުޅޭ ސަބަބަކީވެސް މިއީއެވެ. ދެމީހުންގެ އާއިލާގެ ރުހުމާއެކު ކިޔަވާ ނިންމުމަށްފަހު ދެމީހުން ކައިވެނި ކުރީމެވެ.

އަހަރެން ގެއްލިފައިވާ ހިޔާލީގެ ދުނިޔެއިން ދުރުކޮށްދިނީ އިމްރާންގެ އަޑަށެވެ. އިމްރާން ލޯ ހުޅުވާލާފައި އަހަރެންނަށް ގޮވާލިއެވެ. އަދި އިމްރާން ކައިރިއަށް އައުމަށް އެދުނެވެ. އަހަރެން ގޮސް އިމްރާނުގެ މަގަތުގައި އެދުމަތީގައި އިށީނީމެވެ. އަދި އިމްރާންގެ އަތް އަހަރެންގެ އަތުގެ ތެރެއަށްލާ ބޮޑިކޮށްލިއެވެ. އެވަގުތު އޭނަގެ ދެލޮލުން ކަރުނަ ފޭބިއެވެ. ވަރަށް އުދަގުލުން ވާހަކަ ދައްކަން ފެށިއެވެ.

ނާދިޔާއެވެ. އަނެއްކާވެސް އަހަރެން ނަމުން ވަރަށް ލޯބިން ގޮވާލިއެވެ. އެވަގުތު އަހަރެން ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ގޮވާލިލޭ ލޯބިކަމުންނެވެ. އަޑުގައިވާ އޯގާތެރިކަމުންނެވެ. ތެދެކެވެ. އިމްރާންގެ ކުށެއް އޮތްކަމަށް އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެއެވެ. ކުށެއް ކުރެވިފައިވާނަމަ، އެހާ އޯގާތެރިކަމާއެކު ވާހަކަ ނުދެއްކީހެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަން މަސައްކަތްކުރީސްކަން ޔަގީނެވެ. ނަމަވެސް އިމްރާންގެ ކިބައިން އެފަދަ އެއްވެސް ކަމެއް އަހަރެން ނުދެކެމެވެ.

އިމްރާންގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. އަހަރެން ނާދިޔާ އަކަށް ބޭވަފާ ތެރިއެއް ނުވަމެވެ. ” ވަހީދާ ” އަށް އަހަރެންގެ ފޯނުން މެސެޖުކުރީ ކާކުކަމެއް އެއްގޮތަކަށްވެސް ނޭންގެއެވެ. އަދި ވަހީދާ އަށް ފޮނުވާ ފައިހުރި މެސެޖުތަކަކީ އަހަރެން ފޮނުވި އެއްޗެއް ނޫނެވެ. އަހަރެން އޮފީހުގައި އުޅޭއިރު އަބަދުވެސް ވަހީދާ އަހަރެން ކައިރީގައި އުޅެއެވެ. އަހަރެންނަށް ތަފާތު އުދަގޫ ކުރަމުންދެއެވެ. ތަފާތު ކުދިކުދި ޖެންސުން ކުރަމުންދެއެވެ. ވަހީދާއަށްވެސް އަހަރެމެން ދެމީހުން ލޯބިވާ ކަމާއި އަދި ކައިވެނިކޮށްގެން އުޅޭކަން މާކުރިންވެސް އިނގޭނެއެވެ. އަބަދުވެސް އަހަރެން ނާދިޔާއަށް ގުޅައިގެން އިންނަތަން ފެންނާނެއެވެ.

ތެދެކެވެ. އަހަރެންނަށްވެސް އިމްރާން ދައްކާ ވާހަކަ ގަބޫލުކުރެވެއެވެ. ވަހީދާ އަކީ އިމްރާނާ އެއް އޮފީހުގައި އުޅޭ ކުއްޖެކެވެ. އޭނާ އަކީ އިމްރާނާ ހެދި މޮޔަވެފައި ހުންނަ އަންހެންކުއްޖެކެވެ. އިމްރާންގެ ފޯނުން ވަހީދާ އަށް ލޯބީގެ މެސެޖުތައް ކުރީ ދެން ކާކުބާއެވެ. ކޮންމެ މީހަކު އެކަން ކުރިކަމުގައިވިޔަސް ހަމަގައިމުވެސް އެކަން ކުރާނީ އަހަރެމެން ދެމީހުން ދުރުކުރުމުގެ މަގުސަދުގައި ކަން ޔަގީނެވެ. ކޮންމެ މީހަކު ކުރިޔަސް އެއީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

އަހަރެން އިމްރާން ދައްކާ ވާހަކަތައް ގަބޫލު ކުރާ ކަމަށާއި އިމްރާން އަކީ އަބަދުވެސް އަހަރެންގެ ހަޔާތުގެ ބައިވެރިޔާ ކަމަށް ބުނަމުން ދިޔައީމެވެ. އަދި އެހާ ބޮޑަށް ނުވިސްނުމަށް އެދި ވިސްނައި ދެމުން ދިޔައީމެވެ. އިމްރާން ވާހަކަ ދައްކަ ދައްކާ ހުއްޓާ އަހަރެންނަށް ނިދިޖެހެން ފެށިއެވެ. އެއީ ވެފައި ހުރި ވަރުބަލިކަމުންނެވެ. ވަރުބަލިކަން ފިލުވާ ލުމަށްޓަކައި އިމްރާންގެ މަގަތުގައި އޭނަގެ ކައިރީގައި އޮށޯތީމެވެ.

އަހަރެންނަށް ހޭލެވުނީ އިމްރާންގެ ފޯނަށް މެސެޖެއް އައި އަޑަށެވެ. އަދި ފޯނު ނެގުމަށްފަހު މެސެޖު ކިޔާލީމެވެ. އެއީ ވަހީދާގެ މެސެޖެކެވެ. އެމެސުޖުގައިވަނީ ” އިމްރާނުގެ ފޯނުން މެސެޖުކުރީ ވަހީދާ އޭނަ އަމިއްލަޔަށް ކަމަށާއި، އެގޮތަށް ކަންތައް ކުރީ އެކަން ނާދިޔާ އަށް ދެއްކުމަށާއި، އޭރުން އިމްރާންއާއި ނާދިޔާ މައްސަލަ ޖެހި ދެމީހުން ދުރުކުރުމުގެ މަގުސަދުގައި ކަމަށެވެ. ނަމަވެސް މިޔަދު އިމްރާން އާއި ނާދިޔާ އަކީ އެކަކު އަނެއްކު ދެކެ އިންތިހާ އަށް ލޯބިވާ ދެމީހުންކަމަށާއި ދެމީހުންނަކީވެސް އެކަކު އަނެކަކުގެ ހަޔާތުގެ ބައިވެރިޔާކަމަށް މެސެޖުގައި ބަޔާން ކޮށްފައިވެއެވެ. އަދި ވަހީދާ އަށް ކަމެއް ކޮށްދޭނަމަ މަޢާފު ކުރުމަށް އެދިފައިވެއެވެ. ” ފޯނުގައިވާ މެސެޖު ކިޔާލުމަށްފަހު އަހަރެން ފޯނު ބޭއްވުމަށްފަހު އިމްރާންގެ މައުސޫމު މޫނަށް ބަލާލީމެވެ. އިމްރާންގެ ތެދުވެރި ކަމަށްޓަކައި އަހަރެން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރީމެވެ.

އިމްރާން އަބަދުވެސް ބުނަމުން ދެއެވެ. ދުވަހަކުވެސް އަހަރެންނާއި ވަކިން އުޅުމަކީ އެހާ ފަސޭހަ ކަމެއް ކަމުގައި އިމްރާން އަކަށް ނުވާނެއެވެ. އިމްރާން މިޔަދު އެހާ ބަލިވުމުގެ ސިއްރަކީވެސް އަހަރެންނާއި ވަކިވެދާނެތީ މާބޮޑަށް އެކަމާއި ވިސްނަން ހަދައިގެން ވެފައި ހުރި ގޮތެކެވެ.

އިމްރާންގެ ލޯ ހުޅުވުމަށްފަހު، އަދިވެސް އަހަރެން ނުނިދަނީހޭ އެހިއެވެ. ޖަވާބުގައި އަހަރެން އެ މެސެޖު އިމްރާންއަށް ދެއްކީމެވެ. އަދި އިމްރާން ކައިރީގައި ވަހީދާއަށް މަޢާފްކޮށް މެސެޖެއް ކުރުމަށް އެދުނީމެވެ. އިމްރާން ވަހީދާއަށް މަޢާފްކޮށްފައިވާ ކަމަށް ބުނެ ޖަވާބު ދިނެއެވެ. އެކޮޅުންވެސް އަނެއްކާ މެސެޖުކުރިއެވެ. ޖަވާބުގައި އައީ ޝުކުރިއްޔާ ކަމާއި އަދި ވަހީދާގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ސްރީލަންކާއަށް ބަދަލު ކުރާ ވާހަކަޔާއި އޮފީހުން ވަކިވުމަށް ސިޓީ ފޮނުވި ވާހަކައެވެ.

އިމްރާންގެ މޫނު މައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. އަދި އަހަރެންގެ މޫނުގައި ލޯބިން ފިރުމާލިއެވެ. އަބަދުވެސް އިމްރާންގެ ހަޔާތުގެ ބައިވެރިޔާ ގޮތުގައި ހުރުމަށް އެދުނެވެ. ޖަވާބުގައި އަހަރެން އާންއެކޭ ބުނެ އިމްރާންގެ މޫނުގައި ލޯބިން ފިރުމާލުމަށްފަހު، އިމްރާނުގެ އަތުގައި ހިފުމަށްފަހު އަހަރެންގެ އަތުގެ ތެރެއަށް އިމްރާންގެ އަތްތިލަ ލުމަށްފަހު ބޮޑިކޮށްލީމެވެ. ( ނިމުނީ )

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *