އަންހެނުން ފިރިހެނުން މަތިން ފޫހިވެ ދުރަށްދާން ބޭނުންވަނީ ކީއްވެ؟

ފިރިހެނުން އަންހެންކުދިންނާއި ރައްޓެހިވެގެން ނުވަތަ ކައިވެނިކޮށްގެން އުޅޭދުވަސްވަރު އެނގިގެން ނުވަތަ ނޭގިނަމަވެސް، ދޭންޖެހޭ ސަމާލުކަމާއި، އަޅާލަންޖެހޭވަރަށް އަޅާނުލެވި އަދި ކުރަން ނުޖެހޭ ބައެއް ކަންތައްތައް ކުރެވިފައި ހުންނާނެއެވެ. މިކަމުގެ ސަބަބުން ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ހީނަރުވެ އަންހެންކުއްޖާ، ފިރިހެންކުއްޖާ ދޫކޮށް އެހެން މީހަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިހުތިޔާރުކުރެއެވެ.

މިލިޔުމުގައި ފިރިހެނުންނަށް ކުރެވޭ މިކަހަލަ ބައެއް ކަންތައްތަކަށް އަލިއަޅުވާލާނަމެވެ. އޭރުން ކުރިއަށްއޮތްތަނުގައި ކުރެވޭ ކަންތައްތަކާމެދު އިތުރަށް ވިސްނުމުގެ ފުރުސަތުލިބި ތިމާގެ ހަޔާތަށް އަންނަ އަންހެންކުއްޖާ އާއިއެކު ތާއަބަދު އުޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

  1. އަންހެންކުދިންނާއި ބެހޭ ގޮތުން އެހާބޮޑަށް މައުލޫމާތު ލިބިފައިނެތުން؛ އަންހެނުން ފިރިހެނުންނާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ވިޔާފާރިކުރުމާއި، ދުނިޔަވީ ތަފާތުކަންތައް ދަސްކުރުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައިވެސް ދެޖިންސުގެ މީހުން އެކުގައި ވަރަށް ގިނަ ވަގުތު ހޭދަކުރަމުން ދެއެވެ. މިގޮތަށް އެކުގައި ވަގުތު ހޭދަކުރަމުންގޮސް ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ލޯބީގެ ގުޅުމަށް ބަދަލުވެގެންދާއިރު ދެމީހުން އެކަކު އަނެކަކު އެހާބޮޑަށް ދަސްވެފައިނުހުރެއެވެ. ފިރިހެނުންނަށް އަންހެނުންގެ އާދަތައް އެހާބޮޑަކަށް ނޭންގެއެވެ. އަންހެނުންގެ ތަފާތު އާދަތައް ދަސްކުރަން ފިރިހެނުން ވަގުތު ހޭދަކުރާވަރަކަށް ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ބަދަހިވަމުންދެއެވެ. އެއީ އަންހެނުންގެ އިހުސާސްތައް ދަސްވެ، އެމީހުން ކުރަން ބޭނުންވާކަންތަކާއި ކުރަން ބޭނުންނުވާ ކަންތައް އެގިގެންދާތީއެވެ. މިކަމުގައި ބޭނުންވަނީ ފިރިހެނުންގެ ކުޑަހިތްވަރެކެވެ.
  2. ތިމާ އަމިއްލައަށް ރަނގަޅު މީހެއްކަން ދައްކަން ގިނަވަގުތު ހޭދަކުރާ އުސޫލުން އަންހެނުން ދަސްކުރަން އެވަރަށް ވަގުތު ހޭދަނުކުރެވުން؛ މިއީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ބައެއް މީހުން ތިމާގެ ރަނގަޅުކަން އަންހެންކުއްޖާއަށް ދައްކަން ވަރަށް ގިނަ ބުރަ މަސައްކަތްކޮށްހަދައެވެ. ނަމަވެސް އެވަރަށް ތިމާއަށް އަންހެންކުދިން ދަސްކުރަން އެހާ ބޮޑަކަށް މަސައްކަތްކޮށް ވަގުތު ހޭދަނުކުރެވެއެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކުރަން ފެށުމުން ދެމީހުންވެސް އެކަކު އަނެކަކާއި ގުޅޭކަން ނުވަތަ ނުގުޅޭކަން އެގެންފަށައެވެ. ވީމާ، އަންހެން ކުދިން ޝައުގުވެރިކުރުވަން މަސައްކަތްކުރާހެން އެކުދިން ދަސްކުރަންވެސް ވަގުތު ހޭދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
  3. އަންހެން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އެކުދިންނަށް އެހާބޮޑަށް އިސްކަމެއް ނުދެވުން؛ ރައްޓެހިވެވުމުން ދެން އެމީހުންނަށް ދޭންޖެހޭ ސަމާލުކަމާއި އެކުދިންނަކީ އެހާ މުހިންމު ބައެއްގެ ގޮތުގައި ނުދެކެވެއެވެ. ކައިވެނި ކުރުމަށްފަހު ނުވަތަ ރައްޓެހި ވެވުމަށްފަހު، އަންހެން ކުއްޖާއަށް ވަގުތު ދިނުމުގެ ބަދަލުގައި ފިރިހެނުން ގިނައިން ވަގުތު ހޭދަކުރަނީ އެމީހުންގެ ވިޔާފާރި ކުރިއަރުވާ ތަރައްގީކުރުމާއި، އެމީހުންގެ މުސްތަގުބަލު ބިނާކުރުމާއި، ރައްޓެހިންނާއި އެކު މަޖާކޮށް ސަކަރާތްޖެހުމުގަޔާއި މީގެ އިތުރުންވެސް އެމީހުން ޝައުގުވެރިވާ ތަފާތު ކުޅިވަރު ހަރަކާތްތަކުގައެވެ. އާންމުދަނީ ހޯދުމަށް މަސައްކަތްކުރިޔަސް އަންހެނުންނަށް ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަންހެނުންވެސް އެމީހުން ކުރާ ކަންތައްތަކުގެ އަގުވަޒަންކޮށް އެމީހުންނަށް ދިމާވާ ކަންތައް ހިއްސާކުރަން ހަޔާތުގެ ބައިވެރިޔާގެ އެހީތެރިކަން ބޭނުންވެއެވެ. އަންހެން ކުއްޖާއާއެކު އުޅޭ ވަގުތުގައި ލޯބިވާކަމާއި އަޅާލާކަން އިހުސާސްވާގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެކެވެ. އަންހެނުންވެސް އަބަދު ތިމާގެ ބައިވެރިޔާ ވަށައިގެން ކައިރީގައި އެބުރޭކަށް ބޭނުމެއްނުވާނެއެވެ. ފިރިހެނުންވެސް އަންހެނުންގެ ފަރާތުން އަޅާލުމާއި ލޯބި ބޭނުންވާހެން އަންހެނުންވެސް ފިރިހެނުންގެ ފަރާތުން އަޅާލުމާއި ލޯބި ބޭނުންވާނެއެވެ.
  4. ރައްޓެހިވާތާ ފުރަތަމަ ދުވަސްކޮޅުވެސް ގުޅުން ބަދަހިކުރުމަށް މަސައްކަތްނުކުރެވުން؛ ގެދޮރު ބިނާކުރާއިރު ރަނގަޅު ބިންގަލެއް ނޭޅިއްޖެނަމަ އެ ކުރާ އިމާރާތުގެވެސް އެހާ ބާރެއްނުހުރެއެވެ. ހަމަ މިގޮތުން ދެމީހުން ރައްޓެހިވާތާ ނުވަތަ ކައިވެނިކުރާތާ ފުރަތަމަ ދުވަސްކޮޅު ރަނގަޅު ގުޅުމެއް ގާއިމު ނުކުރެވިއްޖެނަމަ ގުޅުން ދުވަހަކަށްފަހު ދުވަހަކު ހީނަރުވަމުންދާނެއެވެ. ބައެއް ފިރިހެނުން އަންހެނުންނާއި ގާތް ރަހުމަތްތެރިކަމުގެ ގުޅުމެއް ބޭއްވުމަށް ޖެހެލުންވެ ލަދުގަންނަ ގޮތްވެއެވެ. ރަނގަޅު ރަހުމަތްތެރިކަމުގެ ގުޅުމެއް ގާއިމު ކުރެވިއްޖެނަމަ، ދެމީހުންގެ ގުޅުން މުޅި އުމުރުގައި ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
  5. އެއްގޮތެއްގައި ދެމިނުހުރެވުން؛ ފިރިހެނުން ބައެއް ފަހަރު ވަރަށް ލޯބިން އަންހެން ކުދިންނާއި ވާހަކަ ދައްކަފާނެއެވެ. އަނެއްބައި ފަހަރު އެއްގޮތަކަށްވެސް އަޅާނުލާ ހުރެދާނެއެވެ. މިހެން ބަދަލުވާނަމަ ފިރިހެނުންދެކެ އަންހެނުން ފޫހިވާގޮތް ވެގެންދެއެވެ.
  6. މާބޮޑަށް އަންހެންކުއްޖާގެ ހުންނަ ސިފަޔަށް ސަމާލުކަން ދިނުން؛ އަންހެންކުއްޖާގެ ދީންވެރިކަމާއި ތެދުވެރިކަމާއި އޯގާތެރިކަމަށްވުރެ ހުންނަ ސިފަޔަށާއި އަޅާހެދުމަށް ސަމާލުކަންދެއެވެ. މިހާރު ކައިވެނިކޮށްގެންއުޅޭ ނުވަތަ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ވުރެ ސިފަ ރީތި ކުއްޖެއް ފެނިއްޖެނަމަ އެކުއްޖަކާ ދިމާލަށް ދާގޮތް ދިމާވެއެވެ.
  7. ތިމާއަކީ ކާކުކަމާއި އަދި ކުރިއަށް ދާންބޭނުންވާގޮތް ރަނގަޅަށް ބުނެނުދެވުން؛ ގިނަ މީހުންނަށް އެމީހުން ސީދާ ބޭނުންވާ ގޮތެއް ނުވަތަ ކުރިމަގު ބައްޓަންކުރަން ބޭނުންވާގޮތެއްނޭގެއެވެ. އެހެން މީހުން އުފަލުގައި ބެހެއްޓޭނީ ތިމާ ފުރަތަމަ އުފަލުގައި ހުރެގެންނެވެ. ވީމާ ތިމާ ކުރިއަށް ދާންބޭނުންވާގޮތް ހިޔާރުކުރުމަށްފަހު، އެކަން ހަޔާތުގެ ބައިވެރިޔާއަށް އެއްވެސް އޮޅުވާލުމެއްނެތި ހިއްސާކުރާށެވެ. ދެމީހުން އެކަކު އަނެކަކާއި ވާދަޔަށް މަސައްކަތްކުރުމަކީވެސް ދެމީހުންގެ ހަޔާތައްވެސް އެކަމުގެ ނޭދެވޭ އަސަރުކޮށް ބުރުއަރާކަމެކެވެ. ވީމާ އޮޅުވާލުމެއްނެތި ތިމާބޭނުންވާގޮތް ބައިވެރިޔާއަށް ހިއްސާކުރާށެވެ.

މީގެ އިތުރުން އަންހެނުން ފިރިހެނުންނާއި ދުރަށް ދާގޮތް ދިމާވާ ކަންތައްތަކުގެ ތެރޭގައި މާއަވަސް އަރުވާލައިގެން ކަންތައްތައް ކުރުމާއި، ހަޔާތުގެ ބައިވެރިޔާއަކީ ވަގުތީގޮތުން ބޭނުންކުރާ ފަރާތެއްގެ ގޮތުގައި ދެކުމާއި އަދި އަންހެންކުއްޖާ ސީދާ ބޭނުންވާގޮތް ރަނގަޅަށް ދެނެނުގަތުން ހިމެނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *