މަސައްކަތު މާހައުލައި އެހެން މީހުންގެ އިތުބާރު ހޯދާނީ ކިހިނެއް؟

މަސައްކަތުގެ މާހައުލުގައި އެހެން މީހުންގެ އިތުބާރު ހޯދައިގެން މަސައްކަތްކުރުމަކީ ގުނާ އަދަދު ނުކުރެވޭހާ ފައިދާ ކުރުވަނިވި ކަމެކެވެ. ގިނަ ދިރާސާތަކުން ދައްކާގޮތުގައި އޮފީހުގައި މަސައްކަތްކުރާ ވެރިމީހާއާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ދެމެދު އޮންނަށްޖެހޭ ގުޅުން ހަރުދަނާ ކަމާއެކު ދެމެހެއްޓިޖެނަމަ މުވައްޒަފުންނަށް ދިމާވާ ހާސްކަމާއި ކަންބޮޑުވުން ނެތިގެންގޮސް މުވައްޒަފުންނަށް ހިތްހަމަޖެހުންލިބި މުވައްޒަފުން ވަޒީފާއިން ވަކިވާމިންވަރު ދަށްވެގެންދެއެވެ. މި ގުޅުން ދެމެހެއްޓުމަށްޓަކައި ތިރީގައިމިވާ ބައެއް ކަންތައް ކުރެވިދާނެއެވެ.

  1. ތިމާއަކީ ހިތްހެޔޮ މީހެއްކަމުގައިވުން؛ ރަނގަޅުކަމެއް ކޮށްފިނަމަ ތައުރީފުކުރުމާއި، ކުރި ކަންތަކާއި ހިތްހަމަޖެހޭ ކަން ހާމަކުރާށެވެ. އަދި އެކުގައި މަސައްކަތްކުރާ މީހުނާއި ވާހަކަ ދެއްކުމާއި އެމީހުންނަށް ދިމާވާ ދަތި އުދަގޫތައް ހައްލުކޮށްދިނުމުގައި ޝައުގުވެރިކަން ހުންނަކަން ތިމާގެ އަމަލުން ދައްކާށެވެ. ތިމާ ކުރާކަންތައްތައް އެހެންމީހުން އަގުވަޒަންކުރާހެން ތިމާވެސް އެހެންމީހުން ކުރާ މަސައްކަތުގެ އަގުވަޒަންކުރާކަން ހާމަކުރާށެވެ.
  2. ދައްކާވާހަކަ ޝައުގުވެރިކަމާއެކު އަޑުއެހުން؛ އެހެންމީހަކާއި ވާހަކަ ދައްކާނަމަ ހަތަރު ކަޅި ބައްދަލުކޮށްގެން ވާހަކަދައްކާށެވެ. ވާހަކަ ދައްކާއިރު ތިމާގެ މޫނުމަތިންވެސް ހިނިތުންވުން ދައްކާށެވެ. އެދައްކާވާހަކައެއް އަޑުއަހަމުން ދާކަމާއި އަޑުއެހުމުގެ ޝައުގުވެރިކަން ހުންނަކަން ތިމާގެ އަތާއި ބޮލުގެ ހަރަކާތުން ދައްކާށެވެ.
  3. މަޢާފުކުރުން؛ ފުރަތަމަ ފަހަރު ކަމެއް ގޯސްގޮތަކަށް ކުރާނަމަ، އެކަމެއް ރަނގަޅުކުރާނެ ގޮތް ކިޔައިދީ، ކުރެވިފައިވާ ކަންތަކަށް މަޢާފްކުރާށެވެ. ތަކުރާރުކޮން އެފަދަ ކަންތައް ނުކުރުމަށް ނަސޭހަތްތެރިވާށެވެ.
  4. ކަމެއް ކާމިޔާބުކުރުމަށް ނުވަތަ ހާސިލުކުރުމަށްޓަކައި، މަސައްކަތް ކުރުމުގެ ގާބިލްކަމާއި ޝައުގުވެރިކަން ހުރުން؛ ރިސާޗުތަކުން ދައްކާގޮތުގައި ކަމެއް ދިމާވެގެން ދާއިރު، އެކަމެއް ކާމިޔާބުކުރުމުގެ ހިތްވަރު ނެތް ފަރާތަކަށްވާނަމަ، އެކުގައި މަސައްކަތްކުރާ މުވައްޒަފުން އެފަރާތަކަށް ކުރާ އިތުބާރު ކުޑަވެގެން ދެއެވެ. މަސައްކަތެއް ކުރާއިރު ތިމާގެ ހުރި ފުރިހަމަ ގާބިލުކަމާއެކު އެމަސައްކަތެއް ފުރިހަމަކުރުމުގެ ޝައުގުވެރިކަން ދައްކައިގެން އެމަސައްކަތެއް ކުރާނަމަ، އެހެން މީހުންވެސް ތިމާއާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން އިތުރުވެގެންދެއެވެ.

މީގެ އިތުރުން އެކުގައި މަސައްކަތްކުރާއިރު، މަސައްކަތުގެ މާހައުލުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުބާރު ހޯދުމަށް ގިނަ ގުނަ ކަންތައްތަކެއް ކުރެވިދާނެއެވެ. މިސާލަކަށް ބުނާނަމަ، ތިމާއަކީ އެހެން މީހުންގެ ސިއްރުތައް ހިފަހައްޓާ މީހަކަށްވުމާއި، އެހެން މީހުންގެ ކުރިއެރުމާއި މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްކޮށްދިނުމުގެ އިތުރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތަކަށްވެސް ވެވިދާނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *