އެސްޕަރގަރސް ސިންޑުރޯމް

ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެސްޕަރގަރސް ސިންޑުރޯމް ނުވަތަ އެސްޕަރގަރސް ޑިސްއޯޑަރ އަކީ ” އޯޓިޒަމް ޑިސްއޯޑަރ” ގެ އެންމެ އާދައިގެ ވައްތަރެވެ. ނުވަތަ ކުޑަ މިންވަރަކަށް ހުރުމެވެ. ނަމަވެސް ދިރާސާ ކުރާ އަނެއް ބަޔަކު ދެކޭގޮތުގައި މިއީ ތަފާތު ދެ ޑިސްއޯޑަރ އެކެވެ. މި ޑިސްއޯޑަރ ހުންނަ ކުދިންވެސް، ކުއްޖާގެ އުމުރު ފުރާއާއި އެއްގޮތަށް ކުއްޖާގައިގައި ހުންނަށް ޖެހޭ ތަފާތު އެކިއެކި ހުނަރުތައް ދަސްކުރުން ލަސްވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި، އިޖުތިމާއި ހުނަރާއި، ރަނގަޅަށް ވާހަކަ ދެއްކުމާއި އަދި ވިސްނައިގެން ތޫނު ފިލިކަމާއި އެކު ކުރަންޖެހޭ ކަންތައްތައް ކުރުން ހިމެނެއެވެ.

މިކަމުގެ ތާރީޚަށް ބަލާލާއިރު އެސްޕަރގަރސް ސިންޑްރޯމް ފުރަތަމަ ދެނެގަނެފައިވަނީ 1944 ވަނަ އަހަރު އޮސްޓުރޭލިޔާގެ ރައްޔިތެއްކަމަށްވާ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. ހޭންސް އެސްޕަރގަރ އެވެ. އަދި  މި ޑިސްއޯޑަރ ހުންނަ ކުދިން ” އޯޓިޒަމް ޑިސްއޯޑަރ” ހުންނަ ކުދިންނާއި އަޅާބަލާއިރު، ވިސްނުމުގެ ތޫނުފިލިކަމާއި، ވާހަކަދެއްކުމާއި އަދި ބޭނުންވާ ކަންތައް އެހެން މީހުންނަށް ބުނެދިނުން ރަނގަޅެވެ.

މިއީ ” އޯޓިޒަމް ޑިސްއޯޑަރ” އަށް ވުރެ އާންމު ޑިސްއޯޑަރ އެކެވެ. އަދި އަންހެން ކުދިންނަށް ވުރެން ފިރިހެން ކުދިންގެ ފަރާތުން މިކަން ފެންނަލެއް ގިނައެވެ. މިއީ ދުނިޔެއަށް އުފަންވާ ކޮންމެ 1،000 ކުއްޖަކު ތެރެއިން  އެއްކުއްޖަކަށް ދިމާވާކަމަކެވެ. މި ޑިސްއޯޑަރ ހުންނަކަން ދެނެގަންނަން އެންމެ ފަސޭހައީ އުމުރުން 2 އަހަރާއި 6 އަހަރު ދެމެދުގައެވެ. ނުވަތަ ކުއްޖާ ސުކޫލަށް ދާ އުމުރު ފުރާގައެވެ.

މި ޑިސްއޯޑަރ ހުންނަ ކުދިން ދެނެގަތުމަށްޓަކައި ބެލިދާނެ ބައެއް ކަންތައްތައް

  1. ކުއްޖާގެ އުމުރުފުރާއާއި އެއްގޮތަށް ކުއްޖާ ގައިގައި ހުންނަށް ޖެހޭ އެންމެ ރަނގަޅު އިޖުތިމާއީ ގުޅުން ނެތުމާއިއެކު ތިރީގައި މިވާ ކަންތައް ތަކުގެ ތެރެއިން ދެ ކަމެއް ތަކުރާރުކޮން ކުއްޖާގެ ކިބައިން ފެނުން ހިމެނެއެވެ.
  2. އެކިއެކި ކަންކަން ބޭނުންވުމުން ވާހަކަ ދެއްކުމުގެ ބަދަލުގައި އަތުން އިސާރަތްކޮށްފައި ކަންތައްތައް ކޮށްދިނުމަށް އެދުމާއި ވާހަކަ ދައްކާއިރު ހަތަރު ކަޅި ބައްދަލުނުކުރުން
  3. އުމުރުފުރާގެ އެހެންކުދިންނާއި އޮންނަށްޖެހޭ ތަފާތު ގުޅުން ނެތުން
  4. އަދި އުފާވެރި ކަމެއް، މަޖާކަމެއް ނުވަތަ ކުރަން ބޭނުންވާ ކަމެއް ހާސިލްވުމުން އެކަމެއް އެހެން މީހުނަށް ހިއްސާކުރަން އުދަގޫވުން
  5. އާންމުންގެ ތެރޭގައި އުޅޭއިރު، މީހަކު ކުއްޖާއަށް ގޮވާލުމުންވެސް އެކަމަށް އިޖާބަ ނުދިނުން
  6. ތަކުރާރުކޮން ވަކިކަންތައްތަކެއް އެއްގޮތަށް ކުރުމާއި އަދި ވަކި ހަރަކާތްތަކެއް ނުވަތަ ވަކި ކުޅިވަރުތަކެއް ކުޅުމަށް ކުއްޖާގެ ޝައުގުވެރިކަން ހުރުމާއިއެކު ތިރީގައި މިވާ ކަންތައް ތަކުގެ ތެރެއިން އެއްކަމެއް ކުއްޖާގެ ފަރާތުން ފެނުން.
  7. އަބަދުވެސް އެއް ކަމެއް ކުރުމަށް ކުއްޖާގެ ޝައުގުވެރިކަން ހުރުމާއި އަދި އެކަމަކާއި ދޭތެރޭގައި ކުއްޖާ މާބޮޑަށް ވިސްނާ ފިކުރުކުރުމާއި އަދި އާދަޔާ ހިލާފަށް އެކަމަކާއި ހެދި އުޅުން
  8. އެ ކުރާކަމެއް ކޮންމެ ދުވަހަކުވެސް އެއްގޮތަކަށް ކުރުމާއި އަދި އެހެން މީހުނަށް އެ ކުރާ ކަންތައް ބަދަލުކުރަން އުދަގޫވުން
  9. އާންމުކޮން ކުދިން ނުކުރާކަހަލަ ތަފާތު އުނި ހަރަކާތްތައް އަތުން ނުވަތަ އިނގިލިތަކުން ކުރުން (މިސާލަކަށް ކުއްޖާގެ އަތުގެ އިނގިލިތައް ލޮލާ ކައިރިކޮށްގެން ތަފާތު އެކިއެކި ހަރަކާތްކުރުން)
  10. ކުއްޖާ ގެންގުޅޭ އެއްޗެއްގެ ވަކިތަނަކާ އަބަދު ތަކުރާރުކޮން ކުޅުން (މިސާލަކަށް ކުޅެން ގެންގުޅޭ ކާރުގެ ފުރޮޅު އަބަދު އެބުރުން)
  11. ކުއްޖާގެ އާންމު ދިރިއުޅުމުގައި ކުރަންޖެހޭ ތަފާތު ކަންތައް އަމިއްލައަށް ނުކުރެވުން (މިސާލަކަށް އަމިއްލަޔަށް ހެދުން ލުން، ފެންވެރުން، ގަމީހުގެ ގޮށް އެޅުވުން ފަދަ ކަންކަން)
  12. އެހެން އެއްވެސް ބައްޔެއްގެ ސަބަބުން ކުއްޖާގެ ފަރާތުން ފެންނަ ކަމެއް ކަމުގައި ނުވުން ހިމެނެއެވެ.

ތިރީގައި މިވަނީ މިފަދަ ކުދިންގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކެވެ.

  • ކުދިންނާއި އަވަހަށް ރައްޓެހިކަން ބާއްވަން އުނދަގޫވުމާއި، އެހެން ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން އުނދަގޫވުމާއި އަދި އަމިއްލަޔަށް އިސްނަގައިގެން ކުދިންނާއި ވާހަކަ ނުދެއްކުން
  • އާންމުކޮން ކުދިން ނުކުރާކަހަލަ ތަފާތު އުނި ހަރަކާތްތައް އަތުން ނުވަތަ އިނގިލިތަކުން ކުރުން
  • ކޮންމެ ދުވަހެއްގައިވެސް އެއްވަގުތެއްގައި އެއްގަޑިޔަކަށް ކަންތައްތައް ކުރަން ބޭނުންވުން ހިމެނެއެވެ. (މިސާލަކަށް، އެއްގަޑިޔަކަށް ކޮންމެ ދުވަހަކުވެސް ފެންވެރުމާއި އަދި ކާން ބޭނުންވުން)
  • އުފާވެރި ކަމެއް ދިމާވިޔަސް، ރުޅި އަޔަސް އަދި ދެރަވިޔަސް އެކަން ކުއްޖާގެ މޫނުގެ ހަރަކާތުން ދައްކަން ނޭނގުމާއި އަދި އެހެންމީހަކު ދެރަވެފައި ހުއްޓަސް ނުވަތަ ރުޅި އައިސް އެއްޗެކޭ ބުނި ކަމުގައި ވިޔަސް އެކަން ދޭހަވުމަށް އުދަގޫ ގޮތްތަކެއް ހުރުން
  • އެހެން ކުދިންނާއި އަޅާބަލާއިރު، ކުއްޖާ ކުރަން ބޭނުންވާ އަދި ޝައުގުވެރިކަން ހުންނަ ކަންތައްތައް މަދުވުން
  • ހަށިގަނޑުގެ ގުނަވަންތަކުގެ ބައެއް ހަރަކާތްތައް އެންމެ ފުރިހަމަޔަށް ބޭނުން ކުރަން އުނދަގޫވުން (މިސާލަކަށް ސިޑިން މައްޗަށް އެރުމާއި ނުވަތަ ސިޑިން ތިރިޔަށް ފޭބުން)
  • ހާއްސަ ދާއިރާ އަކުން ވަރަށް މޮޅު ހުނަރެއް ލިބިފައި ހުރުން (މިސާލަކަށް ހިސާބުގެ އިލްމު ނުވަތަ މިޔުޒިކުގެ ދާއިރާ)

އަދި މިހާތަނަށް މިޑިސްއޯޑަރ ޖެހުމަށް މެދުވެރިވާ ފުރިހަމަ ސަބަބެއް ހޯދިފައެއް ނެތެއެވެ. ނަމަވެސް މިކަމަކީ މައިން ބަފައިންގެ ފަރާތުން ކުއްޖާއަށް ވާރުތަ ވެދާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. މިހާތަނަށް މިޑިސްއޯޑަރ ރަނގަޅުކުރުމަށް ހާއްސަ ބޭހެއް ހޯދިފައި ނެތަސް، މިފަދަ ޑިސްއޯޑަރ ކުރިމަތިވެފައިވާ ކުދިން މުޖުތަމައުގައި އުޅުމުގެ ޤާބިލްކަން އިތުރުކޮށް ދިނުމުގެ ގޮތުން ސްޕީޗް ތެރަޕީ، އޮކިޔުޕޭޝަން ތެރަޕީ އަދި ބިހޭވިޔަރ މޮޑިފިކޭޝަން ތެރަޕީ ދީގެން ވަރަށް ރަނގަޅު ކުރެވިދާނެއެވެ.

... މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް

Leave a Reply

Your email address will not be published. Required fields are marked *